ދ. އަތޮޅުގައި ފުޓްބޯޅަ އަދި ފުޓްސަލް ރެފްރީނަށް އަމާޒުކޮށްގެން ބޭސިކް ރެފްރީންގެ ކޯހެއް ބާއްވައިފި
ދ.އަތޮޅު ކައުންސިލް އާއިޕޮލިސް ކުލަބާއި ސައުތު ސެންޓްރަލް ޕޮލިސް އާއި އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ އެފް.އޭ.އެމް ބޭސިކް ފުޓްބޯޅަ އަދި ފުޓްސަލް ރެފްރީ ކޯހެއް މިއަތޮޅުގައި ފަށައިފިއެވެ. ކުޑަހުވަދޫގައި މި ކޯސް ކުރިއަށްދާނީ މިމަހު 26 އިން ނޮވެމްބަރ 2 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޯހުގައި ޖުމްލަ 30ބައިވެރިން ބައިވެރިވެއެވެ. މިގޮތުން ދ. އަތޮޅުގެ ރަށްރަށުގެ އިތުރުން ފ. އަތޮޅުގެ ރަށްރަށުން ބައިވެރިން ބައިވެރިވެއެވެ.
ކޯސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދ. އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު ޝާފިޢުއެވެ. ކޯސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަޙްމަދު ޝާފިޢު ވަނީ ފުޓްބޯޅަ އަދި ފުޓްސަލް މުބާރާތްތައް ކުރިއަށްގެންދިއުމައަތޮޅު ފެންވަރުގައި ރަނގަޅު ރެފްރީން ބިނާކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ވިދާޅުވީ އަތޮޅު ކައުންސިލްއިން މިފަދަ ކަންތައްތައް ކުރިއެރުވުމަށް ފުރުސަތުދޭނެ ބައެއް ކަމަށާއި އަތޮޅު ފެންވަރުގައި ކުޅިވަރުގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.