ދ. އަތޮޅު ޤުރުއާން މުބާރާތުން ވިދިވިދިގެން ދެވަނަ ފަހަރަށް އީލާފަށް 1 ވަނަ
ދ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި އަތޮޅު ޤުރުއާން މުބާރާތުން ވިދިވިދިގެން ދެވަނަ ފަހަރަށް ދ. ކުޑަހުވަދޫ ކައުންސިލްގެ ދަރިވަރު އީލާފް އަޙްމަދު ޞަލާޙް 1 ވަނަ ހޯދައިފިއެވެ. އީލާފް ވަނީ 2024 ވަނަ އަހަރުގެ އަތޮޅު މުބާރާތުން ވެސް 1 ވަނަ ހޯދާފައެވެ.

25 ޖޫން 2025 އިން 28 ޖޫން 2025 އަށް ދ. ކުޑަހުވަދޫގައި ކުރިއަށް ގެންދެވުނު މި މުބާރާތުގައި އީލާފް ވަނީ ކީ ސްޓޭޖް 5 ގެ ނުބަލައި ކިޔެވުމުގެ ބައިންނާއި، ހުރިހާ ކީ ސްޓޭޖްތަކެއް އެއްކޮށް ނުބަލައި ކިޔެވުމުގެ ބައިންވެސް އެއްވަނަ ހާސިލްކޮށްފައެވެ. މުޅި މުބާރާތުގެ 2 އަށް ދ. ކުޑަހުވަދޫ ކައުންސިލްގެ ދަރިވަރު އައިރީ ބިންތް ޔާމީން ހޮވިފައިވާއިރު، 3 ވަނަ އަށް ހޮވިފައިވަނީ ދ. ކުޑަހުވަދޫ ކައުންސިލްގެ ދަރިވަރު މަރްޔަމް ޒަލްޚާ މޫސާއެވެ.
މި އަހަރުގެ މުބާރާތުގައި އަތޮޅުގެ ހުރިހާ ރަށަކުން ބައިވެރިވެ، ޖުމްލަ 63 ދަރިވަރުން ވާދަކޮށްފައިވެއެވެ. މި މުބާރާތުން 17 ދަރިވަރުން 37 ވަނަ ޤައުމީ ޤުރުއާން މުބާރާތަށް ވަނީ ހޮވިފައެވެ. އެއީ ދ. ކުޑަހުވަދޫއިން 10 ދަރިވަރުންނާއި، ދ.މީދޫގެ 5 ދަރިވަރުންގެ އިތުރުން ދ.މާއެނބޫދޫ އަދި ދ.ރިނބުދޫއިން ދަރިވަރެކެވެ .

