ދ .އަތޮޅުގެ ތައާރަފް

ދ. އަތޮޅު ނުވަތަ ނިލަންދެއަތޮޅު ދެކުނުބުރި އަކީ ދިވެހިރާއްޖޭގެ އުތުރުން ދެކުނަށް ބަލާނަމަ ، ރާއްޖޭގެ 14 ވަނަ އަތޮޅެވެ. އަތޮޅުގެ ބޮޑުމިނަކީ ، އިރުން ހުޅަނގަށް 23 ކިލޯމީޓަރ ( 14 މޭލް ) އެވެ. އަދި އުތުރުން ދެކުނަށް 38 ކިލޯމީޓަރ ( 24 މޭލް ) އެވެ. ދ. އަތޮޅަށް ދީފައިވާ އިނގިރޭސި އަކުރަކީ ( M ) އެވެ. ދިވެހިއަކުރަކީ (ދ) އެވެ.

ޖިއޮގްރަފީގޮތުން އަތޮޅު ފެށިފައިވަނީ ، ލެޓިޓިއުޑް ´01 °3 ، ލޮނޖިޓިއުޑް ´99 °72  ގައެވެ. ދެކުނުން ނިމޭ ހިސާބަކީ ، ލެޓިޓިއުޑް ´66 °2 ، ލޮނޖިޓިއުޑް ´80 °72  ގައެވެ. ދ. އަތޮޅާއި ވެރިރަށް މާލެއާއި ދެމެދު ހުންނަ ދުރުމިނަކީ ގާތްގަނޑަކަށް 140 ކިލޯމީޓަރ ނުވަތަ 86 މޭލެވެ.

މިއަތޮޅުގައި 55 ރަށް އޮވެއެވެ. މީގެތެރެއިން މިހާރު މީހުން ދިރިއުޅެނީ 6 (ހައެއް) ރަށުގައެވެ. އެއީ : މީދޫ ، ބަނޑިދޫ ، ރިނބުދޫ ، ހުޅުދެލި، މާއެނބޫދޫ އަދި ކުޑަހުވަދޫއެވެ. އަތޮޅު ވެރިކަން ކުރާ ރަށަކީ ކުޑަހުވަދޫއެވެ.

ދަތުރުފަތުރު :

ދ. އަތޮޅުގައި ޑޮމެސްޓިކް އެއަރޕޯޓެއް އޮވެއެވެ. އެއީ ކުޑަހުވަދޫގައި އޮންނަ ” ދާލު އެއަރޕޯޓް” އެވެ. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުން ކުޑަހުވަދޫގައި އޮންނަ ދ . އެއަރޕޯޓަށް ކުރާ ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް 35 ( ތިރީސްފަހެއް) މިނިޓެވެ.

މީގެއިތުރުން ދ. އަތޮޅުގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމަށްޓަކައި ފެރީ ނިޒާމެއް ޤާއިމް ކުރެވިފައި ވެއެވެ. ފެރީ ނިޒާމް އޮޕަރޭޓް ކުރަމުން ގެންދަނީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ ކުންފުންޏެއްކަމަށްވާ އެމް، ޓީ ، ސީ ، ސީ އިންނެވެ.

މި އަތޮޅަކީ ދަތުރުފަތުރު ފަސޭހައަތޮޅެކެވެ. މިގޮތުން ، މީދޫގައި ޤަވާއިދުން މާލެއަށް ފެރީ ދަތުރުކުރާ ދެ ސްޕީޑް ލޯންޗް އޮންނައިރު މި އުޅަނދުތަކުން އަތޮޅުގެ އުތުރު އަދި ހުޅަނގު ބިތުގެ ހުރިހާ ރަށަކަށް ދަތުރު ކުރެއެވެ. ހަމައެއާއެކު ، ކުޑަހުވަދޫގައި މާލެދަތުރުކުރާ ރަނގަޅުފެންވަރުގެ 3 އުޅަނދު އޮވެއެވެ. މިއުޅަނދުތަކަކީ މުދަލާއި ފަސިންޖަރުން އުފުލޭގޮތަށް އެއަރކަނޑިޝަން ކޮށްފައިވާ އުޅަނދު ތަކެވެ.

އިޤްތިޞާދު :

މި އަތޮޅުގައި އިޤްތިޞާދީ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. ހަމައެއާއެކު މިއަތޮޅަކީ ޓުވަރިސްޓް ރިޒޯޓު ހުންނަ އަތޮޅަކަށްވުމުން ، ރިޒޯޓްތަކުގެ އެކި ވަޒީފާތަކުގައި މަސައްކަތްކުރާ އާބާދީވެސް ބޮޑެވެ.

މިއަތޮޅުގައި ލަގްޒަރީ ހޮޓާތަކާއި ރިޒޯޓް އަދި ގެސްޓްހައުސްތައް ހުރެއެވެ. އަތޮޅުގެ ވަށައިގެންވާ ކަނޑުގެ ދިރުންތަކާއި މުރަކަތައް ގިނަކަމުން މިއީ ސްނޯކްލިންގ އާއި ސްކޫބާ ޑައިވިންގ އަށް މަގްބޫލް މަންޒިލެކެވެ. މި އަތޮޅުގެ ކުޑަހުވަދޫ ކަނޑުއޮޅިއަކީ ރާއްޖޭގައި ފާނަ ބިސްއަޅާ އާލާވާ ސަރަހައްދު ތަކުގެ ތެރެއިން އެއް ސަރަހައްދެވެ. މީގެ އިތުރުން ރާއްޖޭގެ 3 ވަނައަށް އެންމެ ބޮޑެތި ދިގު ރާޅު ނަގާ އެއް ސަރަހައްދަކީ ކުޑަހުވަދޫ ކަންމަތީ ސަރަހައްދެވެ. މިތަނަކީ ރާޅާއަޅާ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނެކެވެ.

މިއަތޮޅުގެ ހުޅަނގު ބިތުގައި އޮންނަ ހުޅުދެއްޔާއި ރިނބުދޫއަކީ ، ރަންރިހީގެ ގަހަނާ ހެދުމަށް ދިވެހިރާއްޖޭގައިވެސް އެންމެ ފުންނާބު އުސް ކުޅަދާނަ މީހުން ދިރިއުޅޭ ދެރަށެވެ. ޒަމާނުންސުރެ މިދެރަށް މަޝްހޫރު ވެފައިވަނީވެސް ތިލޭރުކަމަށް އެންމެ މޮޅު މީހުން އުޅޭ ދެރަށުގެ ގޮތުގައެވެ. ޒަމާނަށް އައި ބަދަލާއެކު މި ދެ ރަށުގެ މީހުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިމަސައްކަތް ކުރުމަށް މިހާރު ޤާއިމްވެގެން ތިބިކަން ފާހަގަ ކުރެވެއެވެ.

އާބާދީ

ދ. އަތޮޅުގައި ރަޖިސްޓްރީވެފައިވާ އާބާދީއަކީ 8562 ( އަށްހާސް ފަސްސަތޭކަ ފަސްދޮޅަސް ދޭއް ) އެވެ. އާބާދީ ރަށްރަށަށް ބެހިފައިވާ ގޮތް : –

އާބާދީ

ރަށް

1452

މީދޫ

1025

ބަނޑިދޫ

587

ރިނބުދޫ

960

ހުޅުދެލި

1048

މާއެނބުދޫ

3490

ކުޑަހުވަދޫ

ދ. އަތޮޅުގައި ދިރިއުޅޭ ޖުމްލަ އާބާދީއަކީ 10635 އެވެ. އަތޮޅުގައި އެންމެ ގިނަމީހުން ދިރިއުޅެނީ ވެރިރަށް ކުޑަހުވަދޫގައެވެ. އެއީ އަތޮޅުގެ ޖުމްލަ އާބާދީގެ %28 އެވެ.

ތަޢުލީމު

ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ޕްރައިމަރީ އަދި ސެކަންޑަރީ ފެންވަރަށް ތަޢުލީމު އުނގެނުމުގެ ފުރުޞަތު ފަހިވެފައި ވެއެވެ. މަތީ ޘާނަވިއަށް ކިޔަވައިދެމުން ދަނީ ، މީދޫގައި ހުންނަ ދ. އަތޮޅު މަދަރުސާއިން ނާއި ، ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. މީގެ އިތުރުން ކުޑަހުވަދޫގައި މައިކޮލެޖްގެ ކެމްޕަސްއެއް ޤާއިމް ކޮށްފައި ހުރެއެވެ.

ޞިއްހަތު

ދ. އަތޮޅުގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ޞިއްޙީ މަރުކަޒެއް ޤާއިމް ކުރެވިފައިވެއެވެ. ދ. އަތޮޅު ހޮސްޕިޓަލް ހުންނަނީ ވެރިކަންކުރާ ރަށް ކުޑަހުވަދޫގައެވެ. މި ހޮސްޕިޓަލްގައި އާއްމު ބަލިތަކުގެ ޑޮކްޓަރުންގެ އިތުރުން ސްޕެޝިއަލިސްޓް ޑޮކްޓަރުން މަސައްކަތް ކުރައްވައެވެ.

ބިމުގެ ބޮޑުމިން

ދ . އަތޮޅުގައި ބިމުގެ ގޮތުން އެންމެ ބޮޑުރަށަކީ ކުޑަހުވަދޫއެވެ. ކުޑަހުވަދޫގެ ބިމުގެ ބޮޑުމިނަކީ 164 ހެކްޓަރ އެވެ. ދެވަނައަށް ބިން އެންމެ ބޮޑުރަށަކީ މީދޫއެވެ. މީދޫގެ ބިމުގެ ބޮޑުމިނަކީ 32 ހެކްޓަރ އެވެ. ބަނޑިދޫގެ ބިމުގެ ބޮޑުމިނަކީ 25 އެކްޓަރއެވެ. މާއެނބޫދޫގެ ބިމުގެ ބޮޑުމިނަކީ 24 ހެކްޓަރއެވެ. ހުޅުދެލީގެ ބިމުގެ ބޮޑުމިނަކީ 21 ހެކްޓަރއެވެ. އަދި ރިނބުދޫގެ ބިމުގެ ބޮޑުމިނަކީ 17 ހެކްޓަރއެވެ.

ބައިބޯމިން :

ދ. އަތޮޅުގެ ބިމުގެ ނިސްބަތުން ބައިބޯމިން އެންމެ މަތި ރަށެއްގެ ގޮތުގައި ފާހަގަކުރެވެނީ ، މިއަތޮޅު ހުޅުދެއްޔެވެ. ހަމަ އެހެންމެ ބިމުގެ ނިސްބަތުން ބައިބޯމިން އެންމެ ދަށް ރަށެއްގެ ގޮތުގައިފާހަގަ ކުރެވެނީ ކުޑަހުވަދޫ އެވެ.