ބަނޑިދޫ ކައުންސިލް
ބަނޑިދޫ އަކީ ދ. އަތޮޅު ގައި މީހުން ދިރިއުޅޭ 6 ރަށުގެ ތެރެއިން އެއްރަށެވެ. އާބާދީގައި 1036 މީހުން ދިރިއުޅޭ މިރަށުގެ ބިމުގެ ބޮޑުމިނަކީ ގާތްގަޑަކަށް 23.5 ހެކްޓަރެވެ. ރާއްޖޭގެ ވެރިކަންކުރާ ރަށް މާލެއާއި 80 ކިލޯމީޓަރު ދުރުގައިވާ ބަނޑިދޫގައި އާއްމުކޮށް ކުރާ މަސައްކަތަކަކީ ބޮޑުކަންނެލީގެ މަސްވެރިކަމެވެ. މިގޮތުން މިމަސައްކަތްކުރާ 23 ދޯނި ބަނޑިދޫގައި މިހާރުވެސް ދުއްވައެވެ. މީގެ އިތުރުން ދަނޑުވެރިކަމާއި ފަތުރުވެރިކަމުން މަންފާ ކޮންމެވެސް ވަރަކަށް ރަށަށް ލިބެއެވެ. ބަނޑިދޫގައި މިހާރު އޯލެވެލް ހަމައަށް ތައުލީމު ލިބެންހުރިއިރު ކައުންސިލްއިން ހިންގާ ހިދުމަތް ރަށުން ލިބެން ހުރެއެވެ. ސިއްހީ ހިދުމަތް ރަށްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ 2 ވަނަ ދަރަޖައިގެ ސިއްހީމަރުކަޒެއްގެ ހިދުމަތް ރަށުން ލިބެންހުރިއިރު، ޑޮކްޓަރީ ބޭސް ވިއްކުމަށް އެސްޓީއޯއިން ހިންގަމުންދާ ބޭސްފިހާރާއިގެ ހިދުމަތް ރައްޔިތުންނަށް ލިބެންހުރެއެވެ. ރަށުގައި އާއްމު ތަކެތި ވިއްކާ 5 ފިހާރަ އާއި 2 ކެފޭގެ ހިދުމަތް ލިބެން ހުރެއެވެ. ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ 2 ކުންފުނީގެ ހިދުމަތްތައްވެސް އެދެވޭ ގޮތެއްގައި ލިބެންހުރެއެވެ. ނަމާދުކުރުމަށް 3 މިސްކިތް ހުރިއިރު މީގެތެރޭގައި ޒަމާންވީ އާސާރީ މިސްކިތެއްވެސް ހުރެއެވެ. ސާފް ބޯފެން ރައްކާތެރިކުރެވޭނެ އިންތިޒާމް ކޮންމެ ގެއެއްގައިވެސް ޤާއިމްކުރެވިފައިވެއެވެ. މީގެ އިތުރުން އެކިއެކި އިޖްތިމާއީ ސަރަހައްދުތަކުގައި ވާރޭފެން ރައްކުރެވޭނޭ ނިޒާމުތަކެއް ޤާއިމްކުރެވިފައިވެއެވެ. ދުޅަހެޔޮ މުޖްތަމަޢުއެއް ބިނާކުރަމަށް އެކިފަރާތްތަކާއި ގުޅިގެން ކުރިއަށްގެންދެވޭ ތަރައްޤީގެ މަޝްރޫޢުތަކުގެ ދަށުން ކުޅިވަރު ކުޅުމަށް އެކި ވަސީލަތްތައް ޤައިމުކުރުމާއެކު ކަސްރަތުކުރުމަށް ހާއްސަ އައުޓްޑޯރ 2 ޖިމްގެ ޚިދުމަތް ރަށުންލިބިހުރެއެވެ. އަދި އިތުރުން ކުޑަކުދިންނަށް ހާއްސަ ޕާކެއްގެ ޚިދުމަތްވެސް ރަށުން ލިބެން ހުރެއެވެ.
އަދާހަމަ: 28 ޖަނަވަރީ 2025