ކުޑަހުވަދޫ ކައުންސިލް
މިރަށަކީ ދިރިއުޅެން ފަސޭހަ ގިނަވަސީލަތްތަކެއް ޤާއިމްކުރެވިފައިވާ، އާބާދީއާއި ތަރައްޤީ އެއްފަސްކުރާ ރަށެއްގެ ގޮތުގައި ސަރުކާރުން ތަރަށްޤީ ކުރަމުންދާ ކުރިމަގުއޮތް ރަށެކެވެ. އަދި މިރަށަކީ ހިޖްރަކުރުމުގެ ފުރްޞަތު ސަރުކާރުން ތަނަވަސް ކޮށްދެއްވާފައިވާ ރަށެކެވެ. މިހާރުވެސް މިރަށުގައި ދ. ގެމެންދޫ ، އާއި ، ދ.ވާނީ މީހުން އެއްކޮށް ހިޖްރަކޮށް ވަޒަންވެރިވެ ދިރިއުޅެމުން ދެއެވެ. މީގެ އިތުރުން އެހެން ބައެއް ރަށްރަށުގެ ވަކިވަކި ޢާއިލާތައް މިރަށަށް ބަދަލުވަމުން ދާކަން ފާހަގަ ކުރަމެވެ. ވަޒަންވެރިވުމަށް މަގުފަހިވާގޮތަށް ގޯތި ގެދޮރު ދޫކުރުމާއި ރަށްވެހިކުރެވޭނެ ޚާއްޞަދަފްތަރެއް ޤާއިމްކުރެވިފައިވެއެވެ.
މިރަށް ވިޔަފާރީގެގޮތުން ކުރިއަރާފައިވުމާއި ، ތަޢުލީމާއި ، ޞިއްޙީ ގޮތުން ގިނަ ރަށްރަށަށްވުރެ ފެންވަރު ރަނގަޅުވުމާއި ، ދިރިއުޅުމުގައި ގިނަ ކަންކަމަށް ފަސޭހަވުމާއި ، ފެންވަރުރަނގަނޅު ޑޮމެސްޓިކް އެއަރޕޯޓެއް އޮތުމާއި ދަތުރުފަތުރުގެ ފަހިކަމާއި ، ކުށްމަދު ހަމަޖެހޭ ހިތްހެޔޮ ރައްޔިތަކު ދިރިއުޅޭ ރަށަކަށް ވުމަކީ މިރަށަށް މީހުން ހިޖްރަކުރާ ސަބަބަކަށް ވަނީ ވެފައެވެ،
ރަށާއި ކައިރީ ގިނަ ރިޒޯޓްތަކެއް ތަރައްޤީކުރެވިފައިވާތީ ވަޒީފާގެ ގޮތުން ބެލިޔަސް މިއީ ވަރަށް ރަނގަޅު ފުރްޞަތުތައް އޮތް ރަށެކެވެ. މިރަށުގައި އާމްދަނީ ހޯދަން މައިގަނޑު ގޮތެއްގައި ކުރާމަސައްކަތަކީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ގެދޮރު ޢިމާރާތްކުރުމާއި، ދައުލަތާއި އަމިއްލަ ފަރާތްތަކުގެ ވަޒީފާ އަދާކުރުމާއި، ވިޔަފާރިފަދަ މަސައްކަތްތަކެވެ. އަދި ގެސްޓްހައުސް ވިޔަފާރީގައި ހަރަކާތްތެރިވާން ފަށާފައިވާއިރު ގިނަ ޚިދްމަތްތަކަކާއި މަސައްކަތްތަކެއްގެ ފުރްޞަތު އޮތްރަށަކަށް ވާތީ، އާދައިގެ ދިރިއުޅުމަކަށްވުރެ ތަހުޒީބު ފުދުންތެރި ދިރިއުޅުމެއްގެފަސޭހަކަން ރައްޔިތުންވަނީ ހޯދާފައެވެ. ނަމަވެސް ރައްޔިތުންބޭނުންވާ ޚިދްމަތްތަކާއި ކަންތައްތައް މުޅިން ނިމުނީއެއްނޫނެވެ. އަދިވެސް އިތުރު ތަރައްޤީއާއި ތަހްޒީބު ރައްޔިތުން ބޭނުންވެއެވެ. ކައުންސިލުން މިގެންދަނީ ރައްޔިތުން ބޭނުންވާ އަމާޒަށް ދަތުރުކުރުމަށް ހިތްވަރާއެކު މަސައްކަތް ކުރަމުންނެވެ.
އަދާހަމަ: 28 ޖަނަވަރީ 2025