ޚަބަރު

ދ. އަތޮޅު ކައުންސިލްގެ 2024 ވަނަ އަހަރުގެ ފުރަތަމަ މުވައްޒަފުންގެ ބައްދަލުވުން ބާއްވައިފި

ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ 2024 ވަނަ އަހަރުގެ ފުރަތަމަ މުވައްޒަފުންގެ ބައްދަލުވުން  15 ޖަނަވަރީ 2024 ވީ ހޯމަ ދުވަހުގެ 13:00 ގައި އަތޮޅުކައުންސިލްގެ މީޓިންގ ރޫމްގައި ބޭއްވިފައި ވެއެވެ. މި ބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ޝާފިޢު ދެއްކެވި ވާހަކަ ފުޅުގައި ، އަތޮޅު ކައުންސިލްގެ މުވައްޒަފުންގެ ޓީމުގެ މަސައްކަތަށް ތައުރީފުކުރައްވާ ، 2023 ވަނަ އަހަރު ނިމެމުން ދަނިކޮށް އަްތޮޅުކައުންސިލުން ހިންގަންޖެހުނު ބޮޑު އިވެންޓާއި ، އަތޮޅުކައުންސިލްގެ ޤުރުއާން މުބާރާތް ، ” ދ. އަތޮޅު ޤުރުއާން މުބާރާތް 2024″ ހިންގުމުގައި މުވައްޒަފުން ކޮށްފައިވާ ބުރަމަސައްކަތަށް ޝުކުރު އަދާކުރައްވާ މުވައްޒަފުންނަށް ތައުރީފް ކުރެއްވިއެވެ.

އަދި ހަމައެއާއެކު ، ފާއިތުވި 2023 ވަނަ އަހަރަކީ އަތޮޅު ކައުންސިލްގެ ތާރީޚުގައި ހިތާމަވެރި އަހަރެއްކަމަށް ފާހަގަކުރެއްވިއެވެ. ސަބަބަކީ ، އަތޮޅު ކައުންސިލްގެ މުވައްޒަފުންގެ ތެރެއިން 3 މުވައްޒަފަކު ކައިރި ކައިރީގައި ނިޔާވެގެން ދިއުން ކަމުގައި ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސްގެ ވާހަކަ ފުޅުގައި ، އެ ތިން މުވައްޒަފުންނަށްވެސް މާތް ﷲ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާކުރެއްވި އެވެ.

މީގެ އިތުރުން މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކަކީވެސް ވަރަށް ބުރަ ދުވަސްތަކަކަށް ވެގެން ދާނެކަމަށާއި ، މިއަހަރަކީ އަތޮޅު ކައުންސިލްގެ ތާރީޚުގައި ހިންގާ އެންބޮޑު 3 ޕްރޮޖެކްޓް ހިންގުމަށް ތާވަލް ކުރެވިފައިވާ އަހަރެއްކަމުގައި ފާހަގަ ކުރެއްވިއެވެ. ވީމާ ، މިލަންޑު ދަނޑިތައް ޙާޞިލް ކުރުމަށް މުވައްޒަފުންގުޅިގެން މަސައްކަތް ކުރުމަށް ރައީސް އެދިލެއްވިއެވެ.

މި ބައްދަލުވުމުގައި ، ސެކްރެޓަރީޖެނެރަލް އަލްފާޟިލް ޢަބްދުއްރަޝީދު ޢަބްދުއްރައްޒާޤް ދެއްކެވި ވާހަކަ ފުޅުގައި މުވައްޒަފުން ކުރަމުންދާ މަސައްކަތަށް ތައުރީފް ކުރައްވާ ، މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވި އެވެ.  ހަމައެއާއެކު ، މިއަހަރުގެ ކުރިއަށް އޮތްދުވަސްތަކުގައި ، ގުޅިގެން މަސައްކަތްކޮށް ، ކައުންސިލްގެ މަސައްކަތު ތާވަލްގައިވާ ކަންކަން ޚާޞިލްކުރުމަށް މަސައްކަތް ކުރުމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަ ދެއްކެވިއެވެ.

މިބައްދަލުވުމުގައި ، މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑުއަހާ ، އެކަންކަމާއިމެދު މަޝްވަރާކޮށް ވާހަކަ ދެކެވިފައި ވެއެވެ.